ޚަބަރު
އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް 6 މަސްދުވަހުން ޙައްލު ހޯދައިދޭނަން: މުޝްރިފް
މުޝްރިފް އަލީ/ފޮޓޯ: ޕީއެންސީ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް 6 މަސްދުވަހުން ޙައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޝްރިފް އަލީ ދެއްވައިފިއެވެ.
އައްޑޫ ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުޝްރިފް ވިދާޅުވީ، އޭނާ މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދެއްވާނެ ކަމަށެވެ.
މިކަމުގެ މައްޗަށް އިތުރަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން މުޝްރިފް ވިދާޅުވީ، އައްޑޫ ސިޓީގެ ގިނަ ޢަދަދެއްގެ ބަޔަކަށް ގޯތި ދޫކުރިކަމުގެ ލިޔުން ދީފައިވީ ނަމަވެސް، އޭގެ ތެރެއިން އެތައް ބަޔަކަށް އަދިވެސް ބިން ހަވާލުކޮށް އިން ވަކިކޮށްދެވިފައި ނުވާ ކަމަށެވެ. އެގޮތުން، މީގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން ދޫކޮށްފައިވާ ބިންތަކާއި ފަހުގެ ތާރީޚުތަކުގައި ދޫކުރި ބިންތައް ވެސް ހިމެނޭކަން މުޝްރިފް ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުން އާދޭސް ދަންނަވައި ސަލާން ޖަހާތާ އެތައް ދުވަހެއް ވެއްޖެ. ނަމަވެސް ފެންނަނީ ގާތްގުޅުން އޮންނަ ނުވަތަ ސިޔާސީ ގޮތުން މަންފާ ލިބޭނޭ ބަޔަކަށް ނޫނީ އިން ވަކިކޮށް ނުދޭ މަންޒަރު.
މުޝްރިފް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ ފޭދޫގެ ޙާލަތަށް އަލިއަޅުވާލައްވަމުން މުޝްރިފް ވިދާޅުވީ، ފޭދޫއިން ދޫކޮށްފައިވާ ބައެއް ބިންތަކަކީ ކަރަންޓުގެ މައި ކޭބަލްތަކުގެ މަތިން ދޫކޮށްފައިވާ ބިންތަކެއް ކަމަށެވެ. އަދި އަހަރެއް ވެގެން ދިޔައިރުވެސް އެ ނުރައްކާތެރި މައްސަލައަށް ހައްލެއް ލިބިފައި ނުވާކަމަށާއި، ބައެއް ގޯތިތައް ދޫކޮށްފައިވަނީ ކުރީގެ ގަބުރުސްތާނުތައް ނުވަތަ މީހުން ވަޅުލާފައިވާ ސަރަޙައްދުތަކުންކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، އެ ޢާއިލާތަކުން ގޯތި ބަދަލުކޮށްދިނުމަށް އެދި އާދޭސްކުރަމުންދާއިރު ކައުންސިލުން އެކަމަށް އިޖާބަދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
މުޝްރިފް ވަނީ، އޭނާގެ މޭޔަރުކަމެއްގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.