Ads by PNC

ޚަބަރު

އެމްއެންޔޫއިން އިނގިރޭސިވިލާތުގެ ކިއުއޭއޭ އެކްރެޑިޓޭޝަން ދަމަހައްޓައިފި

އެމްއެންޔޫއިން އިނގިރޭސިވިލާތުގެ ކިއުއޭއޭ އެކްރެޑިޓޭޝަން ދަމަހައްޓައިފި

އެމްއެންޔޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:އެމްއެންޔޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މާރިޗު 2026، 05:35

31 މާރިޗު 2026، 05:35

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށްދޭ މިނިވަން އިދާރާ، ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (QAA) އިން ދޭ "އިންޓަނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން" ގެ މިޑް ސައިކަލް ރިވިއު ކާމިޔާބުކަމާއެކު ފުރިހަމަކޮށް، އެ އެކްރެޑިޓޭޝަން ދަމަހައްޓައިފިއެވެ.

އެމްއެންޔޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، އެމްއެންޔޫގައި ކިޔަވައިދިނުމާއި، އުނގެނުމާއި އަދި ދިރާސާ ކުރުމުގެ ހުރިހާ ދާއިރާއަކުންވެސް އެންމެ ބޮޑު އިސްކަމެއްދެނީ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ. އަދި QAA އިން ލިބުނު މި އެކްރެޑިޓޭޝަންއަކީ ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭން 2026-2030 ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ލިބުނު ބޮޑު ބާރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، "މިއީ ހަމައެކަނި ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ ބަދަލުގައި، މުޖުތަމަޢަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށާއި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރި މީހުން ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް" ކަމަށެވެ.

މި އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ދޭ އެކްރެޑިޓޭޝަނެއް ނަމަވެސް، އެ މުއްދަތުގެ މެދުތެރެއިން ކުރިއަށްގެންދާ މިޑް ސައިކަލް ރިވިއުއަކުން ފާސްވާން ޖެހެއެވެ. މި ރިވިއުއިން ފާސްވުމާ ގުޅިގެން އެމްއެންޔޫގެ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ 2028 ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

2023 ވަނަ އަހަރު އެންމެ ފުރަތަމަ މި އެކްރެޑިޓޭޝަން ލިބުނު ފަހުން، އެމްއެންޔޫއިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަޢުލީމީ ގޮތުން ކުރީ ސަފުގައި ހިމެނޭ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް އެ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450