Ads by PNC

ޚަބަރު

އާރުޓީއެލް ފެރީގެ ޚިދުމަތް ފެށި 15ވަނަ އަތޮޅަކަށް ލާމު

އާރުޓީއެލް ފެރީގެ ޚިދުމަތް ފެށި 15ވަނަ އަތޮޅަކަށް ލާމު

އާރުޓީއެލްގެ ޚިދުމަތް ލ އަތޮޅުގައި ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

01 އޭޕްރީލު 2026، 09:18

01 އޭޕްރީލު 2026، 09:18

ރާއްޖެ ޓްރާންޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތާއެކު ލ އަތޮޅުގެ ރަށްތައް ފެރީގެ ނިޒާމުން ގުޅުވާލައިފިއެވެ.

މި ޚިދުމަތް ލ. އަތޮޅުގައި އަންގާރަ ދުވަހު ފަށާފައި ވަނީ މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤު އިބްރާހީމެވެ.

އެހެން އަތޮޅުތަކެކޭ އެއްގޮތަށް ލ އަތޮޅުގައި ވެސް ފުރަތަމަ އޮންނާނީ އަހުލުވެރިކުރުވުމަށް އޮންނަ ހިލޭ ދަތުރުތަކެވެ. އަދި އެއް ހަފްތާ ފަހުން، އަތޮޅު ތެރޭގެ ދަތުރުތަކަށާއި، ލ އަތޮޅާއި އެހެން އަތޮޅުތައް ގުޅުވާލާ ދަތުރުތަކަށް އަގު ނަގަންފަށާނެއެވެ.

މި ދަތުރުތަކަށް އަގު ނަގަން ފެށި ނަމަވެސް، މިއީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދޭ ޚިދުމަތެއްކަމުން، ޓިކެޓު ލިބޭނީ ހެޔޮއަގުގައިކަމަށް، މި ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކުރެއެވެ.

ލ އަތޮޅުގައި ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރާނެއެވެ. އެއީ 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. އަދި މި ލޯންޗުތަކުގައި 4 ޖާގަ ޚާއްސަކޮށްފައިވަނީ، އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މީގެއިތުރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މި ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤް އިބްރާހީމް ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމަށާއި، މި ޚިދުމަތަކީ ދިވެހީން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަށާއި، ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ވެސް އެހީތެރިވެދޭބެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު 145 ރަށަކަށް ދެމުން އަންނައިރު، މި ޚިދުމަތް މިހާރު ނުފެށި އޮތީ މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. މި ހުރިހައި އަތޮޅެއްގައި މި އަހަރު އާރުޓީއެލް ތާއިރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450