ޚަބަރު
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރަން ހުރަސްއެޅޭ ގޮތަށް ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި
އިންތިޚާބާ ބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް/ފޮޓޯ: އީސީ
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރަން ހުރަސްއެޅޭ ގޮތަށް ދޮގު މަޢުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން މިފަދައިން އިލްތިމާސްކޮށްފައި ވަނީ، އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް އިންތިޚާބާ ގުޅޭގޮތުން ދޮގު ތުހުމަތުތަކެއް ކުރަމުންދާތީއެވެ.
އެގޮތުން، ސަރުކާރުން ބޭނުންވާ ގޮތަށް ދެ އިންތިޚާބުގެ ރެފަރެންޑަމް ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި ރާއްޖޭގެ ގިނަ ރައްޔިތުން މި ވޯޓުން މަހުރޫމް ކޮށްފައިވާ ކަމަށް ވިދާޅު، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ. މީގެ އިތުރަށް، ކުރިއަށް އޮތް އިންތިޚާބުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ޢަމަލުކުރުމަށް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކޮމިޝަނާ ދެކޮޅަށް ތުހުމަތުތަކެއް އަމާޒުކޮށްފަ އެވެ.
މި ތުހުމަތުތަކާއި ގުޅިގެން އެކަންކަން ދޮގުކުރައްވައި، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހުމާން ޞަލާޙު ރަޝީދު ވިދާޅުވީ، އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ރައްޔިތުންނަށް ކަންކަން އެނގޭނެހެން ދެފުށްފެން ނިޒާމެއްގެ ތެރެއިންކަމަށެވެ. އެހެންކަމުން، އެ ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭގޮތަށް އެއްވެސް ބަޔަކު ދޮގު މަޢުލޫމާތު ނުފެތުރުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވި އެވެ.
ކޮންމެ ރައްޔިތަކު ވެސް ބޭނުންފުޅުވާ ކެނޑިޑޭޓުންނާ، އިޚްތިޔާރު ކުރައްވަން ބޭނުންފުޅު ގޮތެއް ކަނޑައެޅުމަށްޓަކައި މިނިވަން ކަމާއެކު، ބިރުދެއްކުމެއް ނުފޫޒެއްނެތި ކަރުދާހުގައި ފާހަގަޖަހައި ފޮށްޓައް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދީ އަދި އެބޭފުޅަކު ވޯޓުލީ ތަނެއްގައި އޮޅުވާލުމެއްނެތި އެ ނަތީޖާއެއް ނެރެދޭނެކަމުގެ ޔަޤީންކަން އަރުވަން.
ނައިބު ރައީސް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު، އަދި ރައްޔިތުންގެ ޢާންމު ޚިޔާލު ހޯދުމުގެ ވޯޓަށް އީސީން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.