ޚަބަރު
ފާއިތުވި މަހު 161،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ: އިންޓަރނެޓް
ނިމިދިޔަ މާރިޗު މަހު ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 643،218 އަށް އަރާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %1 އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހު 227،403 ފަތުރުވެރިން އަދި ފެބުރުވަރީ މަހު 254،556 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، މާރިޗު މަހު މި އަދަދު ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މާކެޓްތަކުގެ ތަރުތީބު
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 94،823 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ:
ރަޝިއާ: 79،326 ފަތުރުވެރިން
އިނގިރޭސިވިލާތް: 61،162 ފަތުރުވެރިން
އިޓަލީވިލާތް: 57،289 ފަތުރުވެރިން
ޖަރުމަނުވިލާތް: 43،344 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއައި ފަތުރުވެރިންގެ ބޮޑު ބައެއް ކަމަށްވާ %68.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި %26.1 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ދަތުރުފަތުރަށް ބަލާއިރު، 636،916 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން 6،302 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.