ޚަބަރު
ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ ބިލް ފާސްވުމުން މެމްބަރުން ނަޒާހަތްތެރިކުރެވޭނެ: ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ނާޒިމް. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވަ ޕާޓީ ދޫކޮށް ޕާޓީ ބަދަލު ކުރުމުން ގޮނދި ގެއްލޭގޮތަށް މަޖިލީހަށް ހުށައަޅައިފައިވާ ބިލް ފާސްވުމުން މަޖިލީހުގެ މެމްބަރުން ނަޒާހަތްތެރި ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތައް ޤާނޫނު އަސާސީ އަށް ހުށައަޅައިފައިވާ އިސްލާޙުގެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.
މެމްބަރު ނާޒިމް އިތުރަށް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުންވެސް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަންގެ ޤާނޫނު އިސްލާޙުކުރި ކަމަށެވެ. ނަމަވެސް އެއަށް ޤާނޫނުއަސާސީން ބާރުލިބިދީފައިނުވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.ނާޒިމް ވިދާޅުވީ މަޖިލިސް މެންބަރުންނަކީ އަބަދު ޕާޓީ ބަދަލުކުރާ ފިކުރު ބަދަލުކުރާ ބަޔަކަށް ވެގެންނުވާނެކަމަށާއި މެންބަރުންނަކީ ނަޒާހާތްތެރި އިތުބާރުހުރި ބަޔަކަށް ވާންޖެހޭނެކަމަށެވެ.
އަދި އެކަން މި އިސްލާޙާއެކު ކަށަވަރުވާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަމެއް ކުރަންޖެހޭ. އަޅުގަނޑުމެންނަކީ ފައިސާއަށް ވިކޭނެ ބަޔަކަށް ވެގެން ނުވާނެ. މަޖިލިސް މެންބަރުން އެއްވެސް ބަޔެއްގެ ދަށުވެގެން ނުވާނެ
މަޖިލިސް ނައިބު ރައީސް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ޤައުމު މިހާރަށްވުރެ ރަނގަޅު ހިސާބަކަށް ގެންދާ ކަމަށްވާނަމަ މަޖިލިސް ތެރޭގައި އިތުބާރާއި ޔަޤީންކަން ގާއިމްކުރަން ޖެހޭ ކަމަށެވެ. އަދި މަޖިލީހަކީ ގަނެވިއްކާ ބާޒާރެއް ކަމަށްވާނަމަ ހާސިލްކުރަން އުޅޭ ތަރައްޤީއެއް ހާސިލް ނުކުރެވޭނެ ކަމަށެވެ.
ނާޒިމް ވިދާޅުވެފައިވަނީ ވަކި ރައީސް އަކަށް ތާއީދުކޮށް އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވުމަށް ފަހުގައި ތިބެން ޖެހޭނީ އެ ޕާޓީގައި ކަމަށެވެ. އެންމެ މެންބަރެއްގެ ސަބަބުން މަޖިލީހުގައި ވޯޓެއް އެނބުރިގެން ދިޔަ މަންޒަރު މާޒީން ފެނިފައިވާ ކަމަށް ފާހަގަކުރެއްވެވިއެވެ.
މިބިލަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިސްލާޙުކުރުމަށް ހުށައެޅުއްވި ބިލެކެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ކުރިއަށްދިޔަ ޖަލްސާގައެވެ.