ޚަބަރު
ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި
ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވުން
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި "އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ" ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ ހަވީރު ހުޅުމީދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރާއި ކުންފުނީގެ އިސްވެރިންގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދެކުނުން ބާނާ ކަންނެލި ގަނެ، އެ ތަކެތި ޕްރޮސެސް ކުރުމެވެ. މި ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ފެސިލިޓީގައި މަސް ޕްރޮސެސް ކުރުމަށް ބޭނުންކުރަނީ "ބްލާސްޓް ފްރީޒިންގ" މެތަޑެވެ. މިގޮތަށް ބަންދުކުރެވޭ މަހުގެ އުފެއްދުންތައް މިއަދުން ފެށިގެން މިފްކޯގެ ހުޅުމީދޫ ފިހާރައިން ގަންނަން ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، އައްޑޫގެ ހުރިހާ ހިސާބަކަށް މި އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި ޑިސްޓްރިބިއުޓަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ. މިއީ އައްޑޫގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.