Ads by Farudhun

ޚަބަރު

އާސަންދައިގެ ދަށުން އެމްބިއުލާންސް ބޭނުންކުރެވޭ ހާލަތްތައް އިތުރުކޮށް ހިދުމަތް ފަށައިފި

އާސަންދައިގެ ދަށުން އެމްބިއުލާންސް ބޭނުންކުރެވޭ ހާލަތްތައް އިތުރުކޮށް ހިދުމަތް ފަށައިފި

ރާާއްޖޭގައި ބޭނުންކުރާ އެމްބިޔުލާންސެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޭޕްރީލު 2026، 02:06

01 އޭޕްރީލު 2026، 02:06

އާސަންދަ ސްކީމްގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހިލޭ ބޭނުންކުރެވޭނެ ހާލަތްތައް އިތުރުކޮށް، އެ ބަދަލުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި ބަދަލަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ހުރި ދަތިތައް ނައްތާލުމަށްޓަކައި އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މި އިސްލާހުތަކަށް އަމަލުކުރަން ފެށުމާއެކު، ކުރިން ހިދުމަތް ނުލިބޭ ގިނަ ހާލަތްތަކެއްގައި މިހާރު އާސަންދައިގެ އެހީގައި އެމްބިއުލާންސް ބޭނުންކުރެވޭނެއެވެ.

އެމްބިއުލާންސް ބޭނުންކުރެވޭނެ އަށް ހާލަތް
އާސަންދައިގެ އުސޫލަށް ގެނައި ބަދަލާއެކު އެމްބިއުލާންސް ބޭނުންކުރެވޭނެ އަށް ހާލަތެއް ވަނީ ކަނޑައަޅާފައެވެ. އެ ހާލަތްތަކަކީ:

  • ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހޮސްޕިޓަލަށް މީހުން ގެންދިއުމަށް
  • މައްޔިތުން އުފުލުމަށް
  • އެނދުމަތިކޮށްފައިވާ ބަލިމީހުން އައުޓްޕޭޝަންޓް ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް
  • ވީލްޗެއާ ބޭނުންކުރާ މީހުން އައުޓްޕޭޝަންޓް ހިދުމަތަށް ހޮސްޕިޓަލަށް ގެންދިއުމަށް
  • ނުކުޅެދުންތެރިކަން ހުންނަ މީހުން (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުންސިންޑްރޯމް ފަދަ) އައުޓްޕޭޝަންޓް ހިދުމަތަށް ގެންދިއުމަށް
  • ސިއްހީ މަރުކަޒަކުން އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި
  • ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާ ބަލިމީހުން އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިއުމަށް
  • ތެލެސީމިއާ ބަލި މީހުން އައުޓްޕޭޝަންޓް ހިދުމަތް ހޯދުމަށް ގެންދިއުމަށް


ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ނުލިބޭތީ އާންމުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މީގެ ކުރިން ލިބެމުންދިޔައެވެ. މި ބަދަލުގެ ސަބަބުން ބަލިމީހުން އުފުލުމުގައި އާއިލާތަކަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމެވުމަކީ ކަމާގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ދިރާސާތަކެއް ކުރުމަށްފަހު، ބަޖެޓަށް އަންނާނެ ބަދަލުތަކަށް ވެސް ރިއާޔަތްކޮށް ގިނަ ދުވަސްތަކެއްގެ މަޝްވަރާއަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450