ޚަބަރު
ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމައިފި
ވަޒީރު ޑރ ޢަލީ ހައިދަރު
ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު، މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކޮންމެ އަހަރަކު ދޫކުރާ ލޯން ސްކީމްގެ މަދުވެގެން %50 އަކީ ޓެކްނިކަލް ދާއިރާތަކަށް ޚާއްސަ ކުރެވޭ ލޯނުތަކަކަށް ހެދުމެވެ. ޓެކްނިކަލް ނޫން ދާއިރާތަކަށް ދޫކުރާ ލޯނުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓި ނަމަވެސް، ޤައުމަށް މުހިއްމު ފަންނީ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މީގެ ސަބަބުން ޤައުމަށް އެންމެ ބޭނުންވާ ފަންނީ ދާއިރާތަކުން ކިޔެވުމަށް ދަރިވަރުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ. މިބަދަލުތަކުގެ އެންމެ ބޮޑު މަޤްސަދަކީ ކޮންމެ ދަރިވަރަކީވެސް ރާއްޖެ ބިނާކުރުމުގައި ބައިވެރިވާނެ ތަޢުލީމީ، ޤާބިލު ފަންނުވެރި އުފެއްދުންތެރި ހުނަރުވެރި މީހަކަށް ހެދުން،" ވަޒީރު ވިދާޅުވިއެވެ.
ލޯނު ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް
ލޯނަށް އެދި ހުށަހެޅުމުގެ އުސޫލަށް ގެނެވުނު އަނެއް މުހިއްމު ބަދަލަކީ އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނޯންނަ ގޮތަށް ހަމަޖެއްސުމެވެ. މީގެ ސަބަބުން ދަރިވަރުންނަށް ޕްލޭސްމަންޓް ލިބުމާއެކު ކޮންމެ ވަގުތެއްގައިވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ. މީގެ އިތުރުން، މީގެ ކުރިން އޮތް 'އަލަށް ކިޔަވާ ކުދިން' އަދި 'ކިޔަވަމުންދާ ކުދިން' މި ދެ ކެޓަގަރީ މިހާރު ވަނީ އުވާލާފައެވެ. މިއީ އެޕްލިކޭޝަން ހުށަހެޅުމުގައި ދަރިވަރުންނަށް ދިމާވާ އޮޅުންތަކާއި ޑިސްކޮލިފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި ކަމެއް ކަމަށް ވުޒާރާއިން ބުނެއެވެ.
ސަރުކާރުން މިހާރު ވަނީ ސްޓޫޑެންޓް ލޯނަކީ ޝަރީޢާ ކޮމްޕްލަޔަންޓް ލޯނަކަށް ހަދައި، ކިޔެވުމަށް ހިނގާ ޚަރަދަށްވުރެ އިތުރަށް އިންޓްރެސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާ ގޮތަށް ހަމަޖައްސާފައެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ގިނަ އަހަރުތަކެއް ވަންދެން ބަދަލުނުވެ އޮތް ސްޓައިޕެންޑް އުސޫލު މުރާޖާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.