ދުނިޔެ

މަސްދުވަހުގެ ހަމަނުޖެހުންތަކަށްފަހު ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު އަލުން ހުޅުވާލައިފި

މަސްދުވަހުގެ ހަމަނުޖެހުންތަކަށްފަހު ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު އަލުން ހުޅުވާލައިފި

އަފްޣާނިްސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޭޕްރީލު 2026، 05:09

01 އޭޕްރީލު 2026، 05:09

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އުފެދުނު ނުތަނަވަސްކަމާއި ކުރިމަތިލުންތަކުގެ ސަބަބުން ބަންދުކޮށްފައި އޮތް މައި ބޯޑަރު ހުރަހެއް، އެއް މަސް ދުވަހަށްފަހު އަންގާރަ ދުވަހު އަލުން ހުޅުވާލައިފިއެވެ.

 މި ނިންމުމާއެކު ޕާކިސްތާނުގައި ތާށިވެފައި ތިބި އަފްޣާން ރައްޔިތުންނަށް އެނބުރި ގައުމަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސާއި އަފްޣާނިސްތާނުގެ ނަންގަރުހާރު ޕްރޮވިންސް ގުޅުވައިދޭ ތޯރްޚަމް ބޯޑަރު ހުޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ޚާއްސަ ބައްދަލުވުމަކަށް ފަހުގައެވެ. ނަމަވެސް، ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، "މިވަގުތު ބޯޑަރު ހުޅުވާލާފައިވަނީ ހަމައެކަނި ޕާކިސްތާނުގައި ގަވާއިދާ ހިލާފަށް އުޅުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ އަފްޣާން ރައްޔިތުން އަނބުރާ ފޮނުވާލުމަށެވެ."

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކަންތައްތައް ރަނގަޅަށް ދާނަމަ، ވިޔަފާރިއާއި އާންމުން ދަތުރުފަތުރު ކުރުމަށް ބޯޑަރުގެ ހަރަކާތްތައް މަޑުމަޑުން އާންމު ހާލަތަކަށް ގެނެވޭނެއެވެ. މި ބޯޑަރަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެންމެ މައިގަނޑު ދެ ހުރަހުގެ ތެރެއިން އެކެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ބޯޑަރު ބަންދުކުރަން ޖެހުނީ ޕާކިސްތާނުގެ ތަހްރީކޭ ތާލިބާން ޕަކިސްތާން (ޓީޓީޕީ) އިން ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އިސްލާމްއާބާދުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ އެ ގުރޫޕަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް ކާބުލްއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ޕާކިސްތާނުން އަފްޣާނިސްތާނުގެ އެތެރެއަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އެ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުން ބުނެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެ ހަމަލާތަކުގައި ޓީޓީޕީގެ 500 އަށްވުރެ ގިނަ ހަނގުރާމަވެރިން ވަނީ މަރާލާފައެވެ.

ތުރުކީ، ސައުދީ އަރަބިއްޔާ އަދި ގަތަރުގެ އެދުމުގެ މަތިން އީދު ބަންދާ ދިމާކޮށް ދެ ގައުމުން ވަނީ އެއް ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ގަބީލާ އިސްވެރިންނާއި ސިޔާސީ ލީޑަރުން ހިމެނޭ ބޮޑު މަޖިލީހެއް (ޖިރްގާ) އަންގާރަ ދުވަހު ޕެޝާވަރުގައި ވަނީ ފަށާފައެވެ. މި ބައްދަލުވުމުގެ ބައިވެރިން ގޮވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އަލުން ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450