Ads by PNC

ޚަބަރު

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު އިފްތިތާޙްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޭޕްރީލު 2026، 01:43

02 އޭޕްރީލު 2026، 01:43

ދިވެހި ޒުވާނުންނަށް ފަހި މުސްތަޤްބަލެއް ކޮށައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިފާއީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ޒުވާނުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 5 އެޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ޒުވާނުން (16 އަހަރާއި 18 އަހަރާ ދެމެދު) ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅާއިރު، ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ތަމްރީނުތަކާއި ވަޒީފާގެ ފުރުޞަތު
މި ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ތިން ވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައި ޅ. މާފިލާފުށީގައެވެ. ޕްރޮގްރާމަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން ބައިވެރިންނަށް އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ގެންގުޅުއްވާ އިންސާނުން ބިނާކުރުމުގެ ސިޔާސަތުގެ މުހިންމު ބައެކެވެ. މީގެ މައިގަނޑު ބޭނުމަކީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގަންނަވައި، ޤައުމަށް ފައިދާހުރި ބަޔަކަށް ޒުވާނުން ހެދުމެވެ.

މިހާތަނަށް ހޯދާފައިވާ ކާމިޔާބީ
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ތަމްރީނުތައް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުން ޑިސެމްބަރަށް ކުރިއަށް ގެންގޮސްފައިވާއިރު، 108 ރަށަކުން 350 ޒުވާނުން ބައިވެރިވިއެވެ. އޭގެ ތެރެއިން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ޒުވާނަކު މިހާރު ވަނީ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާން ނިންމާފައެވެ.

މިހާރު ކުރިއަށްދާ ޕްރޮގްރާމުގެ ދެވަނަ ބުރުގައިވެސް 112 ރަށަކުން 350 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ތެރެއިން ޤައުމީ ލޯބި ހުރި، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450