ޚަބަރު
ބ. ގޮއިދޫ އަދި ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްޓީސީސީ
ބ. ގޮއިދޫ އަދި ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރު ފުންކުރުމާއި، އައު ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމުގެ އިތުރުން 250 މީޓަރު އެލް-ބްލޮކް އެއްގަމުތޮށި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމަ އެއާއެކު، 315 މީޓަރު ކުރީގެ ބަނދަރުގެ އެއްގަމުތޮށި މަރާމާތުކުރުމާއި، 15 މޫރިންގ ބޮއި ހަރުކުރުމާއި، 351 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 116 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، 18 މަގު ބައްތި ހަރުކުރުމާއި، 2 ނެރު ބައްތި ހަރުކުރުމާއި، 2649 އަކަމީޓަރު ޕޭވްމަންޓް އެޅުމާއި، ރޭމްޕް އަދި ކޮންކްރީޓް ޖެޓީއެއް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނެއެވެ.

ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރު ފުންކުރުމާއި، އައު ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމުގެ އިތުރުން 3.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، 58 މީޓަރު އެލް-ބްލޮކް އެއްގަމުތޮށި ޖެހުމާއި، 7 މޫރިންގ ބޮއި ހަރުކުރުމާއި، 89 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 30 މީޓަރު ސަބްމާރޖް ބްރޭކްވޯޓަރ ޖެހުމާއި، 458 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން (ސޭންޑް-ފިލް ބްރޭކްވޯޓަރ) އަދި 698 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން، 45 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި، 15 މަގު ބައްތި ހަރުކުރުމާއި، 2 ނެރު ބައްތި ހަރުކުރުމާއި، 814.6 އަކަމީޓަރު ޕޭވްމަންޓް އެޅުމާއި، ކޮންކްރީޓް ޖެޓީއެއް އަދި ކޮންކްރީޓް ބްރިޖެއް އަޅާނެއެވެ.
ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 450 ދުވަސް ތެރޭގައި ނިންމުމަށެވެ.