ޚަބަރު
އަލިފާނުގެ ޙާދިސާއާއި ގުޅިގެން ގއ. ވިލިނގިލީ ސްކޫލްގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރަނީ
އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެމްއެންޑީއެފް
ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެ ސްކޫލުގައި އަލިފާނުގެ ޙާދިސާ ހިނގީ ރޭ ދަންވަރު 00:40 ހާއިރުއެވެ. އެ ސްކޫލުގައި ރޯވި އަލިފާން، ވިލިނގިލީގައި ތިބި ސިފައިންނާއި މުއައްސަސާތައް އަދި ޢާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރޭ 01:26 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި އަލިފާން ނިއްވާލެވުނީ ރޭ 02:50 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ޙާދިސާއާއި ގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި އަލިފާނުގެ ޙާދިސާގައި އެ ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި މިއީ އެ ސްކޫލަށް ލިބުނު ވަރަށްބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި އަލިފާނުގެ ޙާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް، އަދި އެއް ކިލާސްރޫމް އަނދާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު ވަނީ، އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ތަޢުލީމީ ވުޒާރާގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.