ޚަބަރު
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ
އިންތިޚާބަށް ވޯޓު ފޮށިތަކާ މަރުކަޒުތައް ތައްޔާރުކުރުމުގެ ތެރެއިން. ފޮޓޯ: އީސީ
ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލަރުން އިންތިހާބު ކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ވާދަވެރި މި ތިން އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މި އިންތިޚާބުތަކަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓުލާ މަރުކަޒު ގާއިމްކޮށްފައެވެ. އަދި ތިން އިންތިހާބަށް ބޭނުންވާ 888,845 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިގެންވާ 294,876 މީހުން ތިބި ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ވޯޓުލާ މަރުކަޒުތަކަށް ދާ ކޮންމެ މީހަކަށްވެސް ތިން އިންތިޚާބާ ގުޅޭ ތިން ކަރުދާސްކޮޅު ދޫކުރާނެއެވެ. އަދި ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ވަކި ފޮއްޓަކަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ "ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ" ކަމަށެވެ.
ކޮމިޝަނުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ވަކި އިންތިޚާބެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮންނާނެއެވެ. އެގޮތުން ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ، އެ ކަރުދާސް ކޮޅު ނުނަގައި ދޫކޮށްލެވޭނެ ކަމަށާއި، އެކަން ވޯޓުލާ މަރުކަޒުތަކުގައި އިއުލާން ކުރަމުންދާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.
މި އިންތިޚާބުގައި ކައުންސިލްތަކުގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1,597 ކެންޑިޑޭޓުން ވާދަކުރަމުންދާކަން ފާހަގަކުރެވެއެވެ.