ޚަބަރު
ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއަކީ އެއަރޕޯޓުގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތްތައް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 އޭޕްރިލް 2025 ގައެވެ.
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިހާރު ފަށާފައިވާ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރުގެ ސަރަހައްދެއް އަލުން ތަރައްގީކުރާނެއެވެ. މި ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 އޮކްޓޫބަރު 2026 އަށެވެ.
3,200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަނެކެވެ. މިއީ 1976 ވަނަ އަހަރު ހެދި، ވީއައިއޭގެ އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށް ތަރައްގީކުރީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ރަންވޭ ދިގުކޮށް، މަރާމާތު ކޮށްފައިވެއެވެ.
ޚާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މި ތަނަށް ވަނީ ގިނަ މަރާމާތުތަކެއް ބޭނުންވެފައެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022 ގައެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ.