ޚަބަރު
ވޯޓު ލުމުގެ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް ނެތް: އީސީ
އީސީގެ އިސްވެރިންގެ ނޫސްވެެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މިއަދު ހެނދުނުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ތިން އިންތިހާބުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދި ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މި އިންތިހާބުތަކުގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެވެ.
މިއަދު ހެނދުނު 8:00 ގައި ގިނަ ވޯޓުފޮށިތަކެއްގެ ވޯޓުލުން ފެށިފައިވީ ނަމަވެސް، ވޯޓުލުމަށް ބޭނުންވާ މިންވަރަށް އޮފިޝަލުން ހަމަނުވުމުގެ ސަބަބުން 28 ވޯޓު ފޮއްޓެއްގެ ކަންކަން ގަޑިއަށް ފެށިފައެއް ނުވެއެވެ. ނަމަވެސް، އެ މައްސަލަތައް ހައްލުކޮށް ހެނދުނު 9:30 ވީއިރު ހުރިހާ ފޮއްޓެއްގެ ވޯޓުލުން ފަށާފައިވާ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ވޯޓުލާ ގަޑި އިތުރުކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، "ވަގުތު އިތުރުކުރުމުގެ ވިސްނުމެއް އަދި ނެތް" ކަމަށާއި، މިހާރު ތާވަލުކޮށްފައިވާ ގޮތަށް ހަވީރު 4:00 ގައި ކިއޫތައް ބަންދުކުރާނެ ކަމަށެވެ. ކޮމިޝަނުން އިތުރަށް ބުނީ ގުދުރަތީ ކަމެއް ދިމާވެގެން މެނުވީ އެއްވެސް އިންތިހާބެއްގައި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ.
މި އިންތިހާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މެންދުރު 12:00 އާ ހަމައަށް ވޯޓުލާފައިވަނީ 62,083 މީހުންނެވެ. އެހެންކަމުން، އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.