ޚަބަރު
ވޯޓާ ގުޅިގެން މިހާތަނަށް ވޯޓާ ގުޅޭ ބޮޑު ޝަކުވާއެއް އައިސްފައި ނުވޭ: އީސީ ރައީސް ޒާހިދު
ވޯޓު ފެށުމުގެ ތައްޔާރީތަކުގައި އީސީގެ ރައީސް ޒާހިދު. ފޮޓޯ: އީސީ
މިއަދު ކުރިއަށްދާ ވޯޓާ ގުޅިގެން މިހާތަނަށް ބޮޑު ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު ވިދާޅުވީ މިހާތަނަށް ވޯޓުލުމުގެ ކަންކަން ގިނަ ފޮށިތަކުގައި ކުރިއަށްދަނީ ވަރަށް އަމާންކަމާއެކުގައި ކަމަށެވެ.
އިންތިޚާބުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޒާހިދު ވިދާޅުވީ، މެންދުރު 14:00 ޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %44 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ވަރަށް ރަނގަޅު އަދަދެއްގެ ގޮތުގައި ފާހަގަކުރައްވައި، އަދިވެސް ވީހާވެސް ގިނަ ރައްޔިތުން މި ވޯޓުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ޝަކުވާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީސީގެ ރައީސް ވިދާޅުވީ ބައެއް މަރުކަޒުތަކުން ކުދިކުދި ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެކަންކަން ކޮމިޝަނުން ވަގުތުން ހައްލު ކުރައްވަމުންދާ ކަމަށެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް ނުވަތަ މުޅި ޕްރޮސެސްއަށް ބުރޫއަރާފަދަ ބޮޑު އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެކަން ހަނދާންކޮށްދެއްވަމުން ޒާހިދު ވިދާޅުވީ، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ކިޔުއަށް އެރުމަކީ މުހިންމު ކަމެއް ކަމަށެވެ. "އަޅުގަނޑުމެން ކިޔޫ ބަންދު ކުރާނެ. އެހެންވީމަ އަޅުގަނޑު އެދޭ އެދުމެއް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް މިއަދު ހަވީރު 4 ޖަހަންވާއިރަށް ކިޔޫއަށް އަރުއްވައިދެއްވާށޭ،" ޒާހިދު ވިދާޅުވިއެވެ.
މިއަދުގެ އިންތިޚާބުގައި ޖުމްލަ 294,876 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ. އާންމުންނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.