ޚަބަރު
ވޯޓު ލުމުގެ ވަގުތު 17:00 އަށް އިތުރުކޮށްފި
ހެންވޭރު ދަނޑުގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުގެ ކިޔުގައި ބަޔަކު މަޑުކޮށްލައިގެން
މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު މޫސުން ހޫނުގަދަވުމުގެ ސަބަބުންނާއި، ކިއުތައް ދިގުވެ ގިނަ ބަޔަކަށް ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ވަގުތު އިތުރުކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައެވެ.
މި ބަދަލާއެކު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ
— Elections Commission (@ElectionsMv) April 4, 2026
ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00އާަ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު…
މިއަދު މެންދުރު 2:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 131,947 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 63,175 އަންހެނުންނާއި 68,772 ފިރިހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އަދިވެސް 162,929 މީހުން ވޯޓު ނުލާ ތިބިކަން ފާހަގަކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ކިއުތައް ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ ބަޔަކު ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ކިއުއަށް އެރުމަށް އިލްތިމާސްކުރައްވާފައެވެ. "އިތުރު ކުރި ވަގުތާއެކު ހަވީރު 5:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިއުއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ،" ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް އެ ގަޑި ޖެހޭއިރު ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްފަހު ވޯޓުފޮށިތައް ބަންދުކުރާނެއެވެ.
މި އިންތިޚާބުގެ ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބަހައްޓާފައިވާއިރު، ކޮންމެ މަރުކަޒެއްގައި ތިން ވޯޓު ފޮށި ހުންނާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ވަކިވަކިން ހާއްސަކޮށްފައިވާ ފޮށިތަކެވެ.