ދުނިޔެ

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި އެއް އާއިލާއެއްގެ އަށް މެންބަރުން މަރުވެއްޖެ

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި އެއް އާއިލާއެއްގެ އަށް މެންބަރުން މަރުވެއްޖެ

ބިންހެލުމުގައި ހަލަކުވެފައިވަ ގެއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 04:44

04 އޭޕްރީލު 2026، 04:44

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި ކާބުލް ޕްރޮވިންސްގެ ގޮސްފަންދު ދާރާ ސަރަހައްދުގައި ގެއެއް ވެއްޓި، އެއް އާއިލާއެއްގެ އަށް މެންބަރުން މަރުވެއްޖެއެވެ. މި ހާދިސާގައި އެ އާއިލާއިން ސަލާމަތްވީ އެންމެ ކުއްޖެކެވެ.

އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޝަރަފަތު ޒަމާން ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، މި ހާދިސާގައި ސަލާމަތްވީ އުމުރުން ދެ އަހަރުގެ ކުޑަކުއްޖެކެވެ. އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނި ގޮތުގައި އެ ކުއްޖާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތު ދޭ ގޮތުގައި 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:12 ހާއިރުއެވެ. ބިންހެލުން އުފެދުނު މަރުކަޒަކީ އަފްޣާނިސްތާނުގެ އިރުއުތުރުގެ ބަދަޚްޝާން ޕްރޮވިންސްގެ 186 ކިލޯމީޓަރު އަޑިއެވެ.

މި ބިންހެލުމުގެ ލޮޅުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިތުރުން އަވަށްޓެރި ޕާކިސްތާނުގެ އިސްލާމްއާބާދާއި، އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވެސް ވަނީ އިހުސާސް ކުރެވިފައެވެ. ބިންހެލުން އުފެދުނު ސަރަހައްދަކީ ދުރު ހިސާބަކަށް ވުމުން، އެ ސަރަހައްދުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އަފްޣާނިސްތާނަކީ އާންމުކޮށް ބިންހެލުންތައް އަންނަ ގައުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި އަހަރަކު އެވްރެޖްކޮށް 560 މީހުން ބިންހެލުންތަކުގައި މަރުވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި ބާރުގަދަ ބިންހެލުމެއްގައި ވެސް އެ ގައުމުން 2،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުގެ ރަށްފުށުގެ ސަރަހައްދުތަކުގައި ގިނަ ގެތަކަކީ ކައްކާފައި ހުންނަ ގަލާއި، ލަކުޑި އަދި މަށީގެ ބޭނުންކޮށްގެން ހަދާފައިވާ ގެތަކަށް ވުމުން، ބިންހެލުންތަކުގައި އެފަދަ ގެތައް ވެއްޓި ލިބޭ ގެއްލުންތައް އިތުރުވެގެންދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450