Ads by Farudhun

ޚަބަރު

މިއަދުގެ 16:00 އާއި ހަމައަށް 185709 މީހުން ވޯޓުލައިފި

މިއަދުގެ 16:00 އާއި ހަމައަށް 185709 މީހުން ވޯޓުލައިފި

ވޯޓުލާމަރުކަޒެއްގައި ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2026، 04:56

04 އޭޕްރީލު 2026، 04:56

މިހާރު ކުރިއަށްދާ އިންތިޚާބުގައި މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 60 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހަވީރު 4 ޖެހުމާ ހަމައަށް ޖުމްލަ 185,709 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ އާބާދީގެ 62.98 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 92,567 އަންހެނުންނާއި 93,142 ފިރިހެނުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާއިރު، މިހާތަނަށް ވޯޓު ނުލާ ތިބީ 109,167 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 37.02 އިންސައްތައެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި ތިން ކަމަކަށް ވޯޓުލުން ކުރިއަށްދެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.

މި އިންތިޚާބުތަކުގައި ވާދަކުރުމަށް ޖުމްލަ 2,961 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ކައުންސިލް މަގާމުތަކަށް ވާދަކުރާ 1,368 ކެންޑިޑޭޓުންނާއި، އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1,593 ކެންޑިޑޭޓުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބަހައްޓާފައެވެ. އަދި ވޯޓުލުމުގެ ވަގުތު މިހާރު ވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450