ޚަބަރު
އަންގާރަދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
މާލެއަށް ވިއްސާރަކުރި ދުވަހެއްގައި މާލޭގެ މަގުމަތި. ފޮޓޯ: ސަން
އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވިއްސާރަ އެންމެ ބޮޑަށް ފެށޭނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތުތަކުގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން މި ހަފުތާގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެ ތެރެއަށެވެ. އަދި ބުދަ ދުވަހު އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
މި ހަފުތާގައި ވިއްސާރަ ކުރި ނަމަވެސް، ހޫނު މޫސުން އަދިވެސް އޮތީ ކުރިއަށް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. "ދޭތެރެއަކުން ވިއްސާރަ ކުރިޔަސް، އެޕްރީލް މަހުގެ ނިޔަަލަށް ހޫނުގަދަ ވާނެ،" މެޓް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ދިގުދެމިގެން ދާނެ ވިއްސާރައެއް ނޫން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށްވާއިރު، މިދިޔަ މަހުން ފެށިގެން އިޙްސާސް ކުރެވޭ ހޫނުމިން ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މިހާރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އިޙްސާސް ކުރެވޭ ހޫނު މިން ހުރީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.