Ads by PNC

ޚަބަރު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރިން ފުރުން. ފޮޓޯ: ވޮއިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޭޕްރީލު 2026، 04:42

05 އޭޕްރީލު 2026، 04:42

ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ދިފާޢީ ވުޒާރާއިން އިތުރުކޮށްފިއެވެ.

އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ 2026 އެޕްރީލް 7 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކުރެވިފައެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ދިވެއްސަކަށް ވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތަކަށް ވުން ހިމެނެއެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް މި ޚިދުމަތުގައި ބައިވެރިވެވޭނީ އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުމެއް އޮވެގެންނެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2026 މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މި ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ތަމްރީނު ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. މިއީ ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ވަޠަނީ ރޫޙު އާލާކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.

ބައިވެރިވުމަށް އެދޭ ފޯމު ދިފާޢީ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3035850 ނަންބަރު ފޯނާ ގުޅުމަށް ދިފާޢީ ވުޒާރާއިން އިރުޝާދުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450