ދުނިޔެ
ތެލުގެ ދަތިކަމާ ހުރެ ނޭޕާލްގެ ހަފްތާ ބަންދު ދިގުކޮށްފި
ނޭޕާލްގެ މަގެއް
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން އަރައިގަތުމަށްޓަކައި، ނޭޕާލްގެ ސަރުކާރު އޮފީސްތަކާއި ތައުލީމީ މުއައްސަސާތަކުގެ މަސައްކަތު ހަފްތާ ހަ ދުވަހުން ފަސް ދުވަހަށް ކުރުކުރުމަށް އެގައުމުން ނިންމައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވަނީ ހަފްތާ ބަންދުގެ ގޮތުގައި ހޮނިހިރު ދުވަހުގެ އިތުރުން އާދީއްތަ ދުވަސް ވެސް ހިމެނުމަށެވެ. ސަރުކާރުގެ ތަރުޖަމާނު ސަސްމިތު ޕޮކަރޭލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ތެޔޮ ސަޕްލައި ކުރުމުގައި މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުގެ އޮފީސްތަކާއި ތައުލީމީ މުއައްސަސާތައް ހަފްތާއަކު ދެ ދުވަހު ބަންދުވާނެ" ކަމަށެވެ.
މި ބަދަލާއެކު، ކުރިން ހަމައެކަނި ހޮނިހިރު ދުވަސް ބަންދު ކުރަމުން އައި ނޭޕާލްގެ ސަރުކާރު އޮފީސްތައް ދެން ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް، ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މީގެ އިތުރުން، ޕެޓްރޯލާއި ޑީސަލް އުޅަނދުތައް އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުކުރުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް ދިރާސާ ކުރަމުންދާ ކަމަށް ވެސް ޕޮކަރޭލް ވިދާޅުވިއެވެ.
30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލަކީ އަމިއްލަ ތެޔޮ ވަޅެއް ނުވަތަ ހަކަތައިގެ ވަސީލަތެއް ނެތް ގައުމެކެވެ. އެ ގައުމުން މުޅިންހެން ބަރާސާވަނީ އިންޑިއާއިން ފޯރުކޮށްދޭ ތެލުގެ މައްޗަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ތެލުގެ އަގު ދެގުނައަށް ބޮޑުކޮށްފައެވެ. އަދި ކައްކާ ގޭސް އިސްރާފުވުން ހުއްޓުވުމަށްޓަކައި މިދިޔަ މަހުން ފެށިގެން ބައި ފުޅި ގޭސް ވިއްކަން ވެސް ވަނީ ފަށާފައެވެ.
މި ކްރައިސިސްގެ ސަބަބުން ނޭޕާލްގެ ފަތުރުވެރިކަމަށް ބަރާސާވާ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ވައިގެ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާތައް ދޭން ފެށުމާ ގުޅިގެންނެވެ. އީރާނުން ވަނީ މީގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލާއި، އުރުދުން، އިރާގު އަދި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.