ޚަބަރު
އެމްޑީޕީގެ 15 އަހަރުގެ ބާރުވެރިކަން ނިމުމަކަށް، މާޅޮހުގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި
އއ،މާޅޮސް
ފަރުދުން
06 އޭޕްރީލު 2026، 02:16
06 އޭޕްރީލު 2026، 02:16
އއ. މާޅޮހުގައި ފާއިތުވި 15 އަހަރު އޮތް އެމްޑީޕީގެ ސިޔާސީ ބާރުވެރިކަން ނިމުމަކަށް ގެނެސް، އެ ރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި މާޅޮހު ރައްޔިތުން ވަނީ އެމްޑީޕީއަށް ބޮޑު ނޫނެކޭ ބުނެ، ޖުމްލަ ފަސް ގޮނޑިވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ދީފައެވެ.
ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ރާޝިދެވެ. އޭނާ މި މަގާމު ކާމިޔާބުކުރީ 238 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ސަލީމަށް ލިބުނީ 230 ވޯޓެވެ. މީގެ އިތުރުން، ކައުންސިލް މެންބަރުކަމުގެ ގޮނޑި 244 ވޯޓާއެކު ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ނަޔާޒެވެ.
މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައިވެސް ކޮންގްރެސް ޕާޓީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ ކޮމެޓީގެ ރައީސާގެ މަގާމަށް 235 ވޯޓާއެކު އިންތިޚާބުވީ މަރިޔަމް އިހްސާނާއެވެ. ކޮމެޓީގެ މެންބަރުކަމުގެ އަނެއް ދެ ގޮނޑި ކާމިޔާބުކުރީ ޙައްވާ ސަމާ އާއި އައިމިނަތު ޝަޒީމާއެވެ. ސަމާ އަށް 245 ވޯޓު ލިބުނުއިރު، ޝަޒީމާ ވަނީ 236 ވޯޓު ހޯދާފައެވެ.
މިއީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ބާރުގަދަ ކިއްލާއެއްގެ ގޮތުގައި އޮތް މާޅޮހުން އެ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން އޮތް ތާއީދު މި ނަތީޖާއިން ހާމަވެގެންދާކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.