ޚަބަރު
މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަދުވަހު ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު އެވެ.
މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ފެށީ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ މަހުގެ 10، 11 އަދި 17 ވަނަ ދުވަހުގެ އިތުރުން މާޗު މަހުގެ 8 ވަނަ ދުވަހު ވެސް ޖަލްސާތައް ބާއްވާފައިވެއެވެ. އަދި ރަމަޟާން މަހުގެ ތެރޭގައި ވެސް ޖަލްސާއެއް ބާއްވާފައިވާއިރު، ކޮމިޓީތަކުގެ ބައްދަލުވުންތައް ދޭތެރެދޭތެރެއިން ކުރިއަށް ގޮސްފައިވެއެވެ.
މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްލާހީ އެޖެންޑާގެ ދަށުން މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ހިމެނެއެވެ.