ޚަބަރު
ފެނަކައިގެ އެމްޑީގެ މަޤާމުން ނަޖާޙް ވަކިކޮށްފި
ނަޖާޙް--
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙް ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅުންހުރި އިތުރު އެއްވެސް ތަފްޞީލެއް ޕީސީބީ އިން ހާމަކޮށްފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ނަޖާޙް އައްޔަންކުރެއްވީ 23 ޑިސެންބަރު 2024 ގައެވެ. އޭގެ ކުރީން ފެނަކައިގެ އެމްޑީ އަކަށް ހުންނެވީ ގދ. މަޑަވެލި، ނެޕްޗޫން މުޢާޒު މުޙައްމަދު ރަޝީދު އެވެ.
ޤައުމީ ދިފާޢީ ބާރުގައި 21 އަހަރުވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙް އަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތަޢުލީމް ހާސިލްކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.