ޚަބަރު
ޔޫއޭއީގެ ސަފީރު މުންދު އާއި ޖެނީވާގެ މަންދޫބު ސަލްމާ މަގާމުން ވަކިކޮށްފި
މުންދު (ވ) އަދި ސަލްމާ (ކ)---
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.
މި ދެބޭފުޅުންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ކުރީކޮޅު އިސް މަގާމުތަކަށް އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.
މި ދެބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މިދެބޭފުޅުންގެ އިތުރުން، މިއަދުގެ ވަގުތެއްގައި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ އިސް މަގާމުތަކަށް މިފަދަ ބަދަލުތަކެއް މި އައީ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.