ޚަބަރު
ދ. ރިނބުދޫގެ ހަ ގޮނޑި ވެސް ވެރިކަން ކުރާ ޕީއެންސީއަށް
ދ.ރިނބިދޫގެ މަގެއް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންްގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންގައި ދ. ރިނބުދޫގެ ހަ ގޮނޑި ވެސް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ރަށުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ރިނބުދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުކުރީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު އިގްބާލް އަބްދުލްގައްޔޫމެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓު އަހުމަދު ނިޔާޒް ނިޒާރެވެ. މީގެ އިތުރުން ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑިއަށް އިންތިހާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް މަރިޔަމް ޝިފާޒާއެވެ. އަދި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުކުރީ ނަވާޒް ޝަރީފެވެ. މި ތިން ބޭފުޅުންނަކީ ވެސް މިހާރު އެ ރަށު ކައުންސިލްގައި ތިއްބެވި މެންބަރުންނެވެ.
ރިނބުދޫ އަންހެނުންްގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތައް ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކޮމެޓީގެ ރައީސް އަކަށް ފާތިމަތު ސަމާނީ އިންތިހާބު ކުރިއިރު، ކޮމެޓީގެ މެމްބަރު ކަމުގެ ދެ މަގާމަށް އިންތިހާބުވީ އިނާޔާ ޝާކިރާއި ނިރުޝާނާ މުހައްމަދެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރިނބުދޫއަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ބޮޑުކޮށް އޮތް ރަށެކެވެ. ނަމަވެސް، މިފަހަރު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު އެ ރަށުގެ އެއްވެސް ގޮނޑިއަކަށް ވާދަކޮށްފައެއް ނުވެއެވެ.