ޚަބަރު
ދުޅަހެޔޮ ދިރިއުޅުމަކާއި ބަދަހި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ސައިންސާއި ޢިލްމުގެ ދައުރު ނުހަނު ބޮޑު: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޢިލްމާއި ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
މި އަހަރުގެ ޞިއްޙަތު ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދުޅަހެޔޮ ދިރިއުޅުމަކާއި ބަދަހި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ސައިންސާއި ޢިލްމުގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި ހެއްކާއި ގަރީނާގެ މައްޗަށް ބިނާވެފައިވާ ޞިއްޙީ ހައްލުތަކަކީ މުޖުތަމަޢުތައް ރައްކާތެރިކޮށްދީ، އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ މުހިންމު ވަޞީލަތްތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
This #WorldHealthDay, we celebrate the power of science in shaping healthier lives and stronger societies. Evidence-based solutions protect our communities and save millions of lives.
— First Lady Sajidha Mohamed (@sajidhaamohamed) April 7, 2026
Our health and well-being are deeply connected to our surroundings and the planet itself.… pic.twitter.com/hKThJWomKf
ޞިއްޙަތާއި ތިމާވެށްޓާ ހުރި ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން އެކަމަނާ ވިދާޅުވީ، އިންސާނުންގެ ދުޅަހެޔޮކަން ބިނާވެފައިވަނީ ދިރިއުޅޭ މާހައުލާއި ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އަދި މޫސުމީ ބަދަލުތަކާއި، ބޭހަށް ނުގުޅޭ ބަލިތައް އިތުރުވުމުގެ އިތުރުން، އަލަށް ފެތުރެމުންދާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖު ނިންމަވާލެއްވީ، ޢިލްމު ކުރިއެރުވުމަށާއި ޞިއްޙީ ދިރާސާތަކަށް އިންވެސްޓްކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ. އަދި ދުޅަހެޔޮ އާދަކާދަތަކަށް އަހުލުވެރިވެ، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކޮންމެ ފަރުދަކަށްމެ ފާގަތި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އޮތް މުސްތަޤްބަލެއް ބިނާކުރެވޭނެ ކަމުގެ އުންމީދު އޮތްކަމަށް އެކަމަނާ ވިދާޅުވިއެވެ.