ޚަބަރު
މާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަޙައްދުގައި އެކްސިޑެންޓެއް ހިނގުން
މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަޙައްދުގައި މިއަދު މެންދުރުފަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 22 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:16 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަނިޔާވި ދެ މީހުންނަށް މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މާލޭގެ މަގުތަކުގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.