ޚަބަރު
ކުރީގެ އުޅަނދު ނައްތާލުމުން އައު އުޅަނދެއް ރަޖިސްޓްރީކޮށްދޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި
މާލޭގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއް
ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމުން، އައު އުޅަނދެއް ރަޖިސްޓްރީކޮށްދޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިސްލާހު ގެނެސްފިއެވެ. މި އިސްލާހުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ އަށް ވަނަ އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް ރަޖިސްޓަރީ ކުރަން ބޭނުންވެއްޖެ ނަމަ، އިތުރު ލިޔެކިޔުންތަކަކާ ނުލާ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި ގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވެނީ ގަރާޖެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ. ނަމަވެސް، އަލަށް ގެނައި މި ލުއި ލިބޭނީ ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އައު އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތްތަކުގައެވެ.
އައު އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގައި ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތަކެއް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި އުޅަނދު ނައްތާލިކަމުގެ ލިޔުން ހުށަހެޅުމާއި، ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، ނައްތާލުމާ ހަމައަށް ބޭނުންކުރަމުން އައި އުޅަނދަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެ އުޅަނދަކީ ފާއިތުވި ފަސް އަހަރު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވާންޖެހޭނެއެވެ.
ގަވާއިދު ކުރިން އޮތް ގޮތުން އުޅަނދު ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހަޅާއިރު، އުޅަނދު ރާއްޖެ އެތެރެކުރިކަމުގެ ލިޔުމާއި، އިމްޕޯޓް ޑިއުޓީ ދެއްކިކަމުގެ ލިޔުމުގެ އިތުރުން ރޯޑުވާދިނަސް ރިޕޯޓު ފަދަ ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހެއެވެ. ނަމަވެސް އައު އިސްލާހާއެކު، ކުރީގެ އުޅަނދު ނައްތާލައިގެން އާ އުޅަނދެއް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް މި އިޖުރާއަތްތަކުގެ ތެރެއިން ލުއިތަކެއް ލިބިގެންދާނެ ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.