ޚަބަރު
ބ. ހިތާދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
ބ. ހިތާދޫ ފޮޓޯ: އެމްޓީސީސީ
ބ. ހިތާދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެންމެ ބޮޑަށް އެދިލެއްވި ކަންތައް ހައްލުކޮށްދެއްވުމުގެ ގޮތުން ފެއްޓެވި މަސައްކަތެކެވެ. ރަށުގެ ބިމުގެ ޖާގަ ކުޑަވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ބަންދުވެފައިވާތީ، މި މަޝްރޫޢުގެ ދަށުން އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ބިން ހިއްކުމަށް ބޭނުންވާ ސާމާނު މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މިހާރު ކުރިއަށްދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ. ބިން ހިއްކުމުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ 6 ފައިކަށި ލުމަށް ވެސް ވަނީ ނިންމާފައެވެ.
ޖުމްލަ 137 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ބ. ހިތާދޫއަކީ ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އާބާދީ އިތުރުވަމުންދާ މިންވަރާ އެއްވަރަށް ރަށުގެ ބިން މިހާރު ވަނީ މުޅިންހެން ފުރިފައެވެ.