ޚަބަރު
މަތިވެރީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕީއެންސީގެ ފުރިހަމަ މެޖޯރިޓީ ކައުންސިލެއް!
މަތިވެރި ކައުންސިލަށް އަލަށް އިންތިޚާބުވީ މެންބަރުން--
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އއ. މަތިވެރީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕީއެންސީގެ ފުރިހަމަ މެޖޯރިޓީ ކައުންސިލެއް އިންތިޚާބުވެއްޖެއެވެ.
މި އިންތިޚާބުގައި، މަތިވެރީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، މަތިވެރީ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އިސްމާއިލް އާތިފް އެވެ. އަދި ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު ޝައިހާ ފަހުމީ އެވެ. ހަމަ މިއާއެކު، ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބު ކުރެއްވީވެސް އެ ޕާޓީގެ ކެންޑިޑޭޓް ޙުސައިން ނިހާން އެވެ. މީގެ އިތުރުން، މަތިވެރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑިއެއްވެސް ވަނީ ކޮންގްރެސްއަށް ކާމިޔާބުވެފައެވެ.
މިއީ މަތިވެރީގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ތަފާތު ނަތީޖާއެކެވެ. ސަބަބަކީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް އުފެދުނު ފަހުން، މިއީ މަތިވެރީ ކައުންސިލްގައި އެމްޑީޕީގެ މެންބަރަކު ނުހިމެނޭ ފުރަތަމަ ފަހަރެވެ.
މިއީ، ޕީއެންސީގެ ފުރިހަމަ މެޖޯރިޓީ ކައުންސިލެއް މިރަށަށް އިންތިޚާބުވި ފުރަތަމަ ފަހަރަށްވީއިރު، މި ރަށުގެ ރައްޔިތުން މިފަހަރު ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ކުރިއަށް ދިއުމަށެވެ.