ޚަބަރު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ 2 އަންހެނަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ 2 އަންހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޖެނިފަރ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މީހުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރާއިރު، މި މައްސަލަ ވެސް ފުލުހުން ގެންދަނީ ތަޙުޤީގު ކުރަމުންނެވެ.