ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެމްބަރުންްގެ ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ވަކުކުރަން ހުށައަޅައިފި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ފޮޓޯ: އެމްޑީޕީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ ސޮޔާއެކު، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފިއެވެ.
މި ހުށަހެޅުން އައިސްފައިވަނީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ބާރުވެރިކަން ހޯދުމުގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ލިބުނު ކާމިޔާބީތަކުގެ ކްރެޑިޓް ހޯދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދި، އަލުން ފެކްޝަން ފޯރިގަދަވެފައެވެ. މީގެ އިތުރުން ޕާޓީގެ ކޮންޓްރޯލް ހޯދުމުގެ ރޭހެއް ވެސް ވަނީ ފެށިފައެވެ.
ޕާޓީގެ އެތެރޭގެ މައްސަލަތައް ބޮޑުވެފައިވާކަން ހާމަވެގެންދިޔައީ އިހަކަށް ރޭ ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައެވެ. އެ ޖަލްސާގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވެ، އެ ދެ ބޭފުޅުން ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ. އަދި އުފާފާޅުކުރުމުގެ ނަމުގައި ބޭއްވި މި ޖަލްސާ މާބޮޑު ފޯރިއެއް ނެތި އެއް ގަޑިއިރު ތެރޭގައި ވަނީ ނިންމާލާފައެވެ.
މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި ވަނީ ރައީސް ނަޝީދަށް ވަފާތެރިވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު (އިދާރީ) ކަމުން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) މަގާމުން ވަކިކޮށްފައެވެ. ހަމައެއާއެކު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މަޢުރޫފް ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
މި ބަދަލުތަކާއި ހުށަހެޅުންތަކާއެކު އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.