ޚަބަރު
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހެނީ--
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު އެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 21:30 އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for heavy rain over parts of southern atolls. pic.twitter.com/55TXuziLka
— Maldives Meteorology (@MetMaldives) April 8, 2026
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް އެ ސަރަޙައްދުގައި ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެ ސަރަޙައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.