ޚަބަރު
ދިވެހި ބަހުން ނުބައިކޮށް ލިޔެފައިވާ މަގުތަކުގެ ނަންތަކާއެކު އެތައް ބައެއްގެ ފާޑުކިޔުން
މާލޭގައި ޖަހާފައިވާ ނަން ބޯޑެއް. ފޮޓޯ: އިމާދް ލަތީފްގެ ފޭސްބުކް ޕޭޖް
މާލޭގެ މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން، ބޮޑު ހޭދައެއް ކޮށްގެން މާލޭގެ މަގުތަކުގައި ހަރުކުރި ނަން ބޯޑުތަކުގައި މަގުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުރުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މާލެ ސިޓީ ކައުންސިލަށް އަމާޒުވެއްޖެއެވެ.
ގިނަ މަގުތަކެއްގައި ހަރުކޮށްފައިވާ މި ބޯޑުތަކުގައި ދިވެހި ބަހުގެ ހަމަތަކާ ހިލާފަށް ނަންތައް ލިޔެފައިވާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން ފާހަގަކުރެވުނު ބައެއް ކުށްތަކުގެ ތެރޭގައި، "ލޮނުޒިޔާރަތް މަގު" ގެ ބޯޑުގައި "ލޮނުޒިޔާރައިމަގު" މިހެން ލިޔެފައިވާއިރު، "މާފަތްތަކުރުފާނުމަގު" ގައި ހަރުކޮށްފައިވާ ބޯޑުގައި ލިޔެފައިވަނީ "މާފައިތަކުރުފާނުމަގު" މިހެންނެވެ. މިފަދަ ބޮޑެތި ކުށްތަކާއެކު ބޯޑުތައް ހަރުކުރުމުން، މަސައްކަތް ހަވާލުކުރި ފަރާތްތަކުގެ ގާބިލްކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލައާ ގުޅިގެން އެމްކިއުއޭގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާން ވަނީ މިއީ "ދިވެހި ބަހަށް ކުރަފިއެރުވުމުގެ" ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހާރުން މިހާރަށް އެ ބޯޑުތައް ނަގަންޖެހޭ ކަމަށާއި، ސިޓީ ކައުންސިލުގައި މިފަދަ ކަންކަން ބަލާނެ ތަންދޮރު ދަންނަ ބަޔަކު ނެތީތޯ ސުވާލު ކުރައްވާފައެވެ. ބަހުގެ ތަޖުރިބާކާރު އިމާދު ލަތީފް ވެސް ވަނީ މިކަން ކުށްވެރި ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަމުންދަނީ، މިއީ ދައުލަތުގެ ފައިސާ ބޮޑު އަގުގައި ވަކި ބަޔަކަށް ދިނުމަށް ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މިކަމުގައި ކުށްވެރިވަނީ މޭޔަރު އާޒިމްތޯ ނުނީ ބޯޑުތައް ހަރުކުރި ބިދޭސީ މަސައްކަތްތެރިންތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.
މިކަމުން ހާމަވަނީ ސިޓީ ކައުންސިލްގެ އިދާރީ ހިންގުން ބޮއްސުންލާފައިވާ މިންވަރު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ބޯޑުތައް އިސްލާހު ކުރުމަށް އަނެއްކާވެސް އިތުރު ބޮޑު ހޭދައެއް ކުރަން ޖެހިދާނެތީ އެކަމުގެ ބިރު ވެސް އާންމުން ވަނީ ފާޅުކޮށްފައެވެ.