ދުނިޔެ
ޗައިނާގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަކީ ބޭނުންތެރި މަޝްވަރާތަކެއް ކަމަށް އަފްޣާނިސްތާނުން ބުނެފި
އަފްޣާނިސްތާން ސިފައިން
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޗައިނާގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަކީ "ބޭނުންތެރި" މަޝްވަރާތަކެއް ކަމަށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. މި މަޝްވަރާތަކަކީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުވުމަށް ޗައިނާގެ ދައުވަތަކަށް މިދިޔަ ހަފްތާގައި ފެށި މަޝްވަރާތަކެކެވެ.
ޗައިނާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އުރުމްގީގައި ކުރިއަށްދާ މި މަޝްވަރާތަކަކީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތެކެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިމެނޭހެން އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ދީފައެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (OCHA) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން 94،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަދި ބޯޑަރު ކައިރީގައިވާ ދެ ޑިސްޓްރިކްޓެއްގެ ގާތްގަނޑަކަށް 100،000 މީހުން ތިބީ މުޅި ދުނިޔެއާ އެކަހެރިވެ، އެހީ ނުލިބޭ ހާލަތެއްގައެވެ.
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ތަރުޖަމާނު ޒިއާ އަހުމަދު ތަކަލް ވިދާޅުވީ، އެ ގައުމުގެ އެކްޓިން ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަގީ އަންގާރަ ދުވަހު ޗައިނާގެ ސަފީރާ ބައްދަލުކުރައްވައި، މަޝްވަރާތައް އިންތިޒާމުކޮށްދެއްވީތީ ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ، ތުރުކީ، ގަތަރު އަދި ޔޫއޭއީން މިކަމުގައި ވެދޭ އެހީތެރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރުވެސް، ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ހަމަލާދޭ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ އަފްޣާނިސްތާނުން ހަތިޔާރު އެޅި ޖަމާއަތްތަކަށް ހިމާޔަތްދޭ ކަމަށެވެ. މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ޕާކިސްތާނުން ކާބުލްގެ ޑްރަގް ޓްރީޓްމަންޓް ސެންޓަރަކަށް ދިން ހަމަލާއެއްގައި 400 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް އަފްޣާނިސްތާނުން ބުނެފައިވީ ނަމަވެސް، ޕާކިސްތާނުން ވަނީ އެކަން ދޮގުކޮށްފައެވެ.