ޚަބަރު
އިދިކޮޅުގެ ކޯޅުން ބޮޑުވެ، ޕެޓިޝަނެއް ހުށަހެޅިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް ގަޕޯ ވިދާޅުވެއްޖެ
އަބްދުލްޣަފޫރު މޫސާ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރުމަށް ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ނަމަވެސް، މި ޕެޓިޝަނާ ގުޅިގެން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ގަޕޯ ވަނީ ސާފުކޮށް ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަޕޯ މަގާމުން ވަކިކުރުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 55 މެންބަރުން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނާ ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރަކު އޭނާގެ އިސްތިއުފާއަށް އެދުމުން، ގަޕޯ ވަނީ "އިސްތިއުފާ ނުދޭނެ" ކަމަށް ވިދާޅުވެ، މަގާމުގައި ދެމިހުންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސްލަކީ ޕާޓީއަށް ލިބުނު ކާމިޔާބީތަކުގެ ކްރެޑިޓް ހޯދުމުގެ ވާދަވެރިކަމާއި، ޕާޓީގެ ބާރުތައް ހޯދުމަށް ފެށިފައިވާ ރޭހެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި އަލުން ފެކްޝަންތައް އުފެދި، މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މި މައްސަލަ އިތުރަށް ހޫނުވީ ދާދިފަހުން ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުންނެވެ. މިކަމާ ހިތްހަމަނުޖެހިގެން އެ ދެ ބޭފުޅުން ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ. އަދި އެ ޖަލްސާ އެއްވެސް ފޯރިއެއް ނެތި އެއް ގަޑިއިރު ތެރޭގައި ވަނީ ނިންމާލާފައެވެ.
ޕާޓީގެ އެތެރޭގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ މި ދަނޑިވަޅުގައި، ރައީސް ނަޝީދަށް ވަފާތެރި ބޭފުޅެއް ކަމަށް ތުހުމަތުކޮށް، ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން، ޕާޓީގެ ލީގަލް ޑިރެކްޓަރު އަހްމަދު މަޢުރޫފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.