Ads by Farudhun

ޚަބަރު

ޙައްޖު މޫސުމަށް ތައްޔާރުވުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފިން: ޝަކީލް

ޙައްޖު މޫސުމަށް ތައްޔާރުވުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފިން: ޝަކީލް

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2026، 09:21

08 އޭޕްރީލު 2026، 09:21

މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް ވިދާޅުވީ ޙައްޖުވެރިންގެ ވިސާގެ ކަންކަން މިހާރު ނިމިފައިވާ ކަމަށާއި، މައްކާގައި ޙައްޖުވެރިން ތިބޭނެ ހޮޓާ މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހޮޓަލުގެ ވެރިފަރާތާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މިދިޔަ ޙައްޖު މޫސުމުގައި ލިބުނު ތަޖުރިބާގެ އަލީގައި، ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކޮށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޝަކީލް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު މިނާގައި ފާހަނާތައް މަދުވުމުގެ ޝަކުވާ ލިބިފައިވާތީ، ސައުދީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން މިއަހަރު ފާހަނައިގެ އަދަދު 4 ނުވަތަ 5 ގުނަ އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ އިންތިޒާމްތަކާ ގުޅޭގޮތުން ޝަކީލް ވިދާޅުވީ، "ކަންކަން ރަނގަޅު ކުރުމަށް އޮންނަ ފުރުޞަތުގެ ތެރެއިން، މިއަހަރަށް އިތުރު ކަންކަން ފުރިހަމަވާނެ،" ކަމަށެވެ. އަދި މި ހުރިހާ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ އިރުޝާދާއި އެހީތެރިކަން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަތުރުފަތުރުގެ އިންތިޒާމްތަކަށް ބަލާއިރު، ޙައްޖު މިޝަންއާއި އެޑްވާންސް ޓީމް މެއި މަހުގެ 4 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މެއި މަހުގެ 15 ވަނަ ދުވަހު ފުރުމަށް ތައްޔާރުވަމުންދާއިރު، ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަން އަދި ސައުދިއާ އެއާލައިންގެ ފްލައިޓްތަކެވެ. އަދި މިއަހަރުވެސް ޙައްޖުވެރިންގެ މަދީނާ ދަތުރުތައް ހައިސްޕީޑް ޓްރެއިންގައި ކުރިއަށްދާނެއެވެ.

މީގެއިތުރުން، "މައްކާ ރޫޓް އިނީޝީއޭޓިވް" ގެ ދަށުން ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރުވެސް ނުސުކް ޙައްޖު ކާޑު ލިބޭނެ ކަމަށް ޝަކީލް ވިދާޅުވިއެވެ. މިކަމަށް ޚާއްސަ ޓީމެއް ރާއްޖެ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޙައްޖު ކޯޕަރޭޝަނުން މިހާރު ކުރިއަށްގެންދަނީ ޙައްޖުވެރިންނަށް ދީނީ މަޢުލޫމާތު ދިނުމާއި، ސިއްޙީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސަމާލުކަން ދޭންވީ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެވެ. މީގެއިތުރުން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450