ޚަބަރު
ގަޕޯގެ އިތުބާރުނެތް ކަމަށް ގޮތް ނިންމަން އެމްޑީޕީ އިން ބާއްވާ ޤައުމީ މަޖިލީހުގެ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަނީ
އެމްޑީޕީގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: އެމްޑީޕީ
އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ގަޕޯ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްވެ ތިއްބަވާ ފެކްޝަނުންނެވެ. މި މައްސަލަ ހޫނުވާން ފެށީ އާޓީފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ޕާޓީގެ ލީޑަޝިޕުން ނުދިން މައްސަލައިގައެވެ. ގަޕޯ މަގާމުން ވަކިކުރުމަށް އެދި މިހާރު ވަނީ 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައެވެ.
މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި ކަމަށް ބުނެ ގަޕޯ ސޮއިކުރައްވައި ސިޓީއެއް ފޮނުއްވި މައްސަލައާ ގުޅިގެންނެވެ. ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ގައުމީ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓުންނެވެ.
އަންނަ ހޯމަ ދުވަހު ބާއްވާ ޤައުމީ މަޖިލީހުގެ ޖަލްސާގައި ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފަހުގެ ގޮތެއް ނިންމާނެއެވެ. ނަމަވެސް، މި ޖަލްސާ އޮންނާނެ ވަގުތާއި ތަން އެމްޑީޕީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.