ކުޅިވަރު

ޗެމްޕިއަންސް ލީގު: ލިވަޕޫލް ބަލިކޮށް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީއިން ކާމިޔާބުކޮށްފި

ޗެމްޕިއަންސް ލީގު: ލިވަޕޫލް ބަލިކޮށް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީއިން ކާމިޔާބުކޮށްފި

ޕީއެސްޖީއިން މެޗުގައި ލީޑު ނެގުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޭޕްރީލު 2026، 07:13

09 އޭޕްރީލު 2026، 07:13

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޕެރިހުގައި ކުޅުނު މި މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ ދެ ހާފުގައި ކާމިޔާބުކުރި ގޯލުތަކާއެކު 2-0އިންނެވެ.

މިދިޔަ ސީޒަންގެ ނޮކް-އައުޓް ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ޕެރިހުގައި ކުޅުނު މެޗު 1-0އިން ލިވަޕޫލުން ކާމިޔާބުކުރި ނަމަވެސް، ޕެނަލްޓީ ޝޫޓް-އައުޓަށް ގޮސް ކުރި ހޯދީ ޕީއެސްޖީއެވެ.

ރޭ ޕާރކް ޑި ޕްރިންސަސްގައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ ކުރީ ކޮޅު ލީޑު ނަގާފައެވެ. އެ ޓީމުގެ ހުނަރުވެރި ފޯވާޑް، ޑެޒީރޭ ޑޫއޭގެ ގޯލަކުން ޕީއެސްޖީއިން ލީޑު ނެގީ ފުރަތަމަ ހާފުގެ 11ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ޑެޒީރޭ ޑޫއޭ ފޮނުވާލި މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ރަޔަން ގްރެވެންބާރޗްގެ ފައިގައި ޖެހިފައެވެ.

މެޗު ޑޮމިނޭޓުކޮށްގެން ކުޅެމުންދިޔަ ޕީއެސްޖީއިން ވަނީ ފުރަތަމަ ހާފުގައި އިތުރު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ ޓީމުގެ ލީޑު ފުޅާނުކުރެވުނީ ލިވަޕޫލްގެ ގޯލްކީޕަރ ޖިއޯޖީ މަމަޑަޝްވިލީގެ ހުޝިޔާރުކަމުންނެވެ. އެގޮތުން ޕީއެސްޖީގެ ފޯވާޑް، ވިޗާ ވަރަޝޭލިއާ ދުރުކަނަށް ފޮނުވާލި ބޯޅަ މަތަކުރުމަށް މަމަޑަޝްވިލީ އެއްކޮށް ދެމިލަން ޖެހުނުއިރު، ގޯލާ ކައިރިން ޑެޒީރޭ ޑޫއޭ ފޮނުވާލި ހަމަލާ މަތަކުރީ އޭނާގެ ފައިންނެވެ.

ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން މެޗު އަނބުރާލަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ޕީއެސްޖީއިން އެ ހާފުގެ ކޮންޓްރޯލްވެސް ލިވަޕޫލްގެ އަތުން ނަގައި، ވަރަޝޭލިއާގެ ގޯލަކުން މެޗުގެ 65ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، ސަޕޯޓަރުން ބޭނުންވާފަދަ ކުޅުމެއް ދެއްކުނު ކަމުގެ އިހްސާސް ކުރެވޭ ކަމަށާއި، ނަމަވެސް ދެރައީ ލިބުނު ފުރުސަތުތަކާ ބަލައި ކާމިޔާބު ކުރެވުނު ގޯލުތަކުގެ އަދަދު މަދުވުމުން ކަމުގައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު، އާރނޭ ސްލޮޓް ވެސް ބުނީ އެހެނެއެވެ. މި ނަތީޖާއާއެކު ސަލާމަތްވެވުމަކީ ނަސީބެއް ކަމަށާއި، ލިވަޕޫލް ކޮޅަށް ގިނަ ގޯލުތަކެއް ޖަހާނެ ފުރުސަތު ޕީއެސްޖީއަށް ލިބުނު ކަމަށެވެ. 

ކުއާޓާ ފައިނަލްގައި މި ދެ ޓީމު އެންފީލްޑްގައި ބައްދަލުކުރާ މެޗު އޮންނާނީ މިއަންނަ ހަފްތާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450