ޚަބަރު
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިތުރަށް މަސައްކަތްކުރުމަށް ޕީސީބީއިން އަންގައިފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު---
ފަރުދުން
09 އޭޕްރީލު 2026، 09:30
09 އޭޕްރީލު 2026، 09:30
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރު އަދި ބޮޑެތި ފިޔަވަޅުތައް އެޅުމަށް، އެ ކުންފުނިތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުދަ ދުވަހު އަންގައިފިއެވެ.
މިކަމާ ގުޅިގެން ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް މިދިޔަ މަހުގެ 30ވަނަ ދުވަހު ވެސް އަންގާފައިވާނެ ކަމަށާއި، ނަމަވެސް އިތުރަށް މަސައްކަތްކޮށް، ބޮޑެތި ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.
އެގޮތުން ޕީސީބީން ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި ޚަރަދު ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އިތުރު ވަޒީފާތަކަށް މީހުން ނުނެގުމާއި، ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލުމާއި، އޮފީސް ހިންގުމުގެ ޚަރަދުތައް ކުޑަ ކުރުމާއި، ތަމްރީނު ދަތުރުތަކާއި އެހެނިހެން ބައްދަލުވުންތަކަށް ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ނުގޮސް، އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ވަނީ އަންގާފައެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި ޚަރަދު ކުޑަކުރުމަށް އިރުޝާދު ދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
- ރަސްމީގަޑީގައި މަސއްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުން. ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުން.
- ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުން. އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން.
- މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުން.
- ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީން ކުރުމުގެ ފިޔަވަޅުތައް އެޅުން.
- މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އަޅަން ސަމާލުކަން ދިނުން.
- ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުން.
- ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުން.
- ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާ ވެސް ބޮޑަށް ކުޑަކުރުން.
- ރާއްޖެ އިން ބޭރަށް ކުރާ ތަމްރީނު ދަތުރުތައް ހުއްޓާލައި، އޮންލައިންކޮށް އެ ތަމްރީނުތަކުގައި ބައިވެރިވުން.
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީތަކުގައި ކުންފުނިތަކުގެ މުވައްޒަފުން ދަތުރުކުރުން.
- ކުންފުނިތައް ހިންގަން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުން.
ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ އިތުރުން، ސަރުކާރު އޮފީސްތަކުން ވެސް އަންނަނީ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އިތުރު ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ފިޔަވާ އެހެން މަސައްކަތްތައް ނުކުރުމާއި، ހަކަތަ ސަލާމަތްކުރުމުގެ ގޮތުން އޮފީސްތައް އަވަހަށޤ ބަންދުކުރުމަށް އަންނަނީ ބާރުއަޅަމުންނެވެ.