ޚަބަރު
އެމްޕީއެލްގެ މަސައްކަތު ގަޑިއަށް ބަދަލު ގެނެސްފި، ނަމަވެސް މުދާ އަރުވާ ބޭލުމަށް ދަތިކަމެއް ނެތް
އެމްޕީއެލް ވިޔަފާރި ބަނދަރު---
ފަރުދުން
09 އޭޕްރީލު 2026، 09:57
09 އޭޕްރީލު 2026، 09:57
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގާފައިވާއިރު، އެކަން ތަންފީޒުކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ތަންފީޒުކުރަން ފަށާފައިވާ ފިޔަވަޅުތައް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެ ކުންފުނިން އަޅަންފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މަސައްކަތު ގަޑިއަށް ބަދަލުތަކެއް ގެނެސް، އެ ވަގުތު ކުޑަކުރުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރުން ޚިދުމަތް ހޯދުމަށް އެއްވެސް ދަތިކަމެއް ނާންނާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އިޤްތިޞާދީ ގޮންޖެހުންތައް ކުޑަކުރުމަށް އެމްޕީއެލްއިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
- ޝިފްޓު އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 7:30 އިން މެންދުރުފަހު 3:30އަށް ކުޑަކުރުން
- އޮޕަރޭޝަނަލް ޝިފްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން - މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދުތައް ހަމަޖައްސާ ދަތުރުތަކުގައި ވެސް ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުމާއި ބޭރުގައި ތިބޭ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އެކު އޮންލައިންކޮށް ބައްދަލުވުން ބާއްވަން ހަމަޖެއްސުން ވެސް ހިމެނޭ
- ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށްގެންދާ ތަމްރީންތައް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
- މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން
- ކަރަންޓުގެ ހަރަދު ކުޑަކުރުން
ޚަރަދު ކުޑަކުރުމުގެ ގޮތުން، ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ އިތުރަށް، ސަރުކާރު އޮފީސްތަކުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަންފަށާފައެވެ. އެގޮތުން އިތުރު ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ފިޔަވާ އެހެން މަސައްކަތްތައް ނުކުރުމާއި، ހަކަތަ ސަލާމަތްކުރުމުގެ ގޮތުން އޮފީސްތައް އަވަހަށޤ ބަންދުކުރުމަށް އަންނަނީ ބާރުއަޅަމުންނެވެ.