ޚަބަރު
އުދަރެސް ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
އުދަރެސް ބޯޓަށް މީހަކު މުދާ އަރުވަނީ---
ފަރުދުން
09 އޭޕްރީލު 2026، 11:31
09 އޭޕްރީލު 2026، 11:31
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދަނިކޮށް އަޑިޔަށްދިޔަ އުދަރެސް ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މީހާ ފެނުނީ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށެވެ. އަދި ފެނުނުއިރު އެ މީހާ އޮތީ އޮޔާދިޔަ ޕްލެޓްފޯމެއް މަތީގައިކަމަށް ވެއެވެ.
ހެނދުނު 10:15 ހާއިރު އެ މީހާ ފެނިފައިވާއިރު، އެ މީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހާގެ ވަނަވަރާއި، ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
ރޭ ދަންވަރު ބޯޓު އަޑިޔަށްދިޔައިރު އެ ބޯޓުގައި 13 މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި 10 ބިދޭސީންނެވެ. އަދި ބޯޓު އަޑިއަށް ދިޔުމުން ބޯޓުން ދަތުރުކުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެލި ރިޒޯޓަށް އަރާފައެވެ. އޭގެ ފަހުން އެ ރިޒޯޓުގެ ދޯންޏަކުން ނިކުމެ އިތުރު 11 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ފުލުހުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.