ޚަބަރު
އެމެރިކާ-އީރާން ހަނގުރާމަ ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލުމާއި ގުޅިގެން ރާއްޖެއިން މަރުޙަބާ ކިޔައިފި
ޚާރިޖީ ވުޒާރާ--
އެމެރިކާ-އީރާން ހަނގުރާމަ ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލުމާއި ގުޅިގެން ރާއްޖެއިން މަރުޙަބާ ކިޔައިފި އެވެ.
މި ހަނގުރާމަ މެދުކަނޑާލާފައިވަނީ ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ހުށަހެޅަމަށެވެ. އެގޮތުން، ޕާކިސްތާނުން 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުން އެމެރިކާ އަދި އީރާނުން ވެސް ވަނީ ބަލައިގެންފައެވެ. މި ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައި ވަނީ އިއްޔެ ރޭ ފަތިހުގެ ވަޤުތެއްގައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މި ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުޑަވެ، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ޚިޔާލު ތަފާތުވުންތައް ޞުލްޙަވެރިކަމާއެކު ހައްލުކުރުމަށް މަޝްވަރާ ކުރުމާއި މަޝްވަރާތަކުގެ ތެރެއިން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކޮށްދެއްވުމުގައި ޕާކިސްތާން ސަރުކާރާއި، ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން، މި ސަރަޙައްދުގެ ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ކުރެވެމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާއިން ދެއްވިއެވެ.