ޚަބަރު
މަޝްރޫޢުތައް ހަލުވި ކުރުމަށް ގެނައި ވެހިކަލްތަކާއި މެޝިނަރީ އަންނަ ހަފުތާގައި ރަށްރަށަށް ފޮނުވަނީ
ވެހިކަލްތަކެއް/ފޮޓޯ: އާރްޑީސީ
ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގެނައި ވެހިކަލްތަކާއި މެޝިނަރީ އަންނަ ހަފުތާގައި ރަށްރަށަށް ފޮނުވަން ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މި ތަކެތި ރާއްޖެ ގެނެސް، އިފްތިތާޙުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ތިލަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް، މަޝްރޫޢުތަކަށް ބޭނުންވާ 230 ހެވީ ވެހިކަލް ވަނީ ރާއްޖެއަށް ގެނެސްފައެވެ.

މިކަމާއި ގުޅިގެން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޡީމް ވިދާޅުވީ، އުޅަނދުތައް އަތޮޅުތަކަށް ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، މިހާރު ކުރަމުންދަނީ އުޅަނދުތައް ރެޖިސްޓްރީކުރުމުގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް ނަޡީމް ވިދާޅުވިއެވެ. ހަމަ އެހެންމެ، އަންނަ ހަފްތާއާއި، އެއާއި ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި އުޅަނދުތައް ރަށްރަށަށް ފޮނުވަން ފަށާނެކަމަށާއި، ފުރަތަމަ ބުރުގައި 20 ރަށަކަށް ހެވީ ވެހިކަލް ފޮނުވާނެކަމަށް ނަޡީމް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ އާރުޑީސީގެ މަހު ހެދުމުގެ މަސައްކަތް ކުރަމުންދާ ރަށްތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް އަންނަނި ހިންގަމުންނެވެ. އެގޮތުން ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގައި ލަފާފުރުމުގެ މައްސަލަތައް ޙައްލުކުރުމުގެ މަޝްރޫޢުތަކާއި މަގު ހެދުމާއި ބިންހިއްކުމާއި އަދިވެސް މުހިންމު ދާއިރާތަކުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
މެޝިނަރީތަކުގެތެރޭގައި ތާރު އަޅައިގެން މަގުތައް ތަރައްޤީކުރުމަށްޓަކައި އަލަށް 4 ތާރު ޕްލާންޓެއް ގެނެސްފައިވާއިރު، އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ 3 ޕްލާންޓެވެ.