ޚަބަރު
ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު: ޝުޖާއު
އެމްޕީ ޝުޖާއު/ފޮޓޯ: ސަން
ނިމިދިޔަ އިންތިޚާބުގައި ނެގި 'ފެންނަ ނުފެންނަ ވޯޓް' ގެ ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރުކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަމުން އެމްޕީ ޝުޖާއު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލަން އިދިކޮޅު ޕާޓީތަކުން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ވޯޓްލާން ނިކުތް ސަބަބާއި އެ ދުވަހުގެ ނަތީޖާ އިން ދައްކައިދޭ ކަންކަން ރައްޔިތުންނަށް ވަރަށް ސާކޮށް ފެންނާން އޮތް ކަމަށެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ކުރީގެ ރައީސުންނަށް ކެރިވަޑައިނުގެންނެވިކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ޕާޓީ ސިސްޓަމް ތަޢާރަފު ކުރީ ރައްޔިތުންގެ ރުހުމެއް ނެތި ކަމަށާއި، ކަނޑުން ބައެއް ދޫކޮށްލާ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ހިއްސާ ވިއްކާލީ ރައްޔިތުން ކުރެ "ހޭވެސް" އަހާ ނުލާ ކަމަށެވެ.
މި ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ރައީސް މުޢިއްޒުގެ އަރިހުން މިވެނިކަމެއް ނުކުރާށޭ ނުވަތަ މިވެނި ކަމެއް ކުރާށޭ ބުނެ ނިންމައިފިނަމަ އެކަމެއް ކުރާނެކަން.
ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ބިމާއި ބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރީ ސަރުކާރުން ކަންކަން ކުރީ ހިތަށް ފެނުނު ގޮތަކަށް ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަންކަން ބަދަލުކުރައްވާ، ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމުގައި ޝުޖާއު ވިދާޅުވި އެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް އެ ނަތީޖާ އިން ދައްކައިދެނީ ރައްޔިތުން ރައީސަށް ކުރާ އިތުބާރުކަމަށް ޝުޖާއު ވިދާޅުވިއެވެ.
ނިމިދިޔަ އިންތިޚާބާ މެދު އިދިކޮޅު ސިޔާސި ފަރާތްތަކުން އެ ފަރާތްތަކުގެ މަންފާއަށް އެކި ވާހަކަތައް ދައްކަމުންދާއިރު، ޙަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ޝުޖާއު އެދިލެއްވިއެވެ.