ޚަބަރު
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ދިވެއްސަކު، 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޖަލަށްލުމަށް ހުކުމްކުރި މީހާ/ފޮޓޯ: ފުލުހުން
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ދިވެއްސަކު، 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
2026 އޭޕްރީލް 7 ވަނަ ދުވަހު، ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32އ) ވަނީ ޖަލަށްލުމާއެކު، 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައި ވަނީ 2024 އޮގަސްޓް 19 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށްވީއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްޞަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.