Ads by Farudhun

ޚަބަރު

އަލަށް އިންތިޚާބުވި ކައުންސިލަރުން އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ހުވާކުރަނީ

އަލަށް އިންތިޚާބުވި ކައުންސިލަރުން އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ހުވާކުރަނީ

އިންތިޚާބުގެ ތެރެއިން/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޭޕްރީލު 2026، 05:18

09 އޭޕްރީލު 2026، 05:18

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ނިންމައިފިއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީޚު ކަނޑައަޅާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށްކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ. އެގޮތުން، މިހާރު ތިބި ކައުންސިލަރުން 17 މޭއި 2021 ގައި ހުވާކޮށްފައިވާއިރު، އައު ދައުރަށް ކައުންސިލަރުން ހުވާކުރާނީ މިއަންނަ މަހުގެ 17 ގައި ކަމަށް އެ އޮތޯރިޓީއިން ވިދާޅުވިއެވެ.

މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންނާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް ވެސް އިންތިޚާބުކޮށްފައިވީ ނަމަވެސް މި ކޮމެޓީތަކުން އިންތިޚާބުވި މެންބަރުން ހުވާ ނުކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ކޮމެޓީތަކުގެ މެންބަރުން އެ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން އިޤްރާރުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތައް ވަމުންދާ ތައްޔާރީތަކާ ގުޅިގެން އެލްޖީއޭއިން ވިދާޅުވީ، މިފަހަރުގެ ހުވާކުރުމުގެ ރަސްމީއްޔަތުތައް ބޮޑުކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މެޖިސްޓްރޭޓުން ރަސްމިއްޔާތުތަކަށް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތް ނަމަވެސް، ކައިރި ރަށަކުން މެޖިސްޓްރޭޓް ހަމަޖައްސައިގެން ރަސްމިއްޔާތު ކުރިއަށްގެންދާނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން، ރަށްރަށުގެ ކަންކަން އިންތިޒާމްކުރާ ހާލަތަށް ބެލުމަށްފަހު، އޮންލައިންކޮށް ވެސް ރަސްމިއްޔާތު ބާއްވަން ޖެހިއްޖެ ޙާލަތެއްގައި، އެކަމަށްވެސް ތައްޔާރުވާނެކަމުގެ ޔަޤީންކަން އެލްޖީއޭއިން ދެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ވޯޓުލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450